ރިޕޯޓް

2016: މަޖިލީހުގެ ތެރެއިން ބޮޑެތި ނިންމުންތައް އައި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގައުމެއްގެ ސިޔާސީ ބޯޓުގެ މައިގަނޑު ހުންގާނަކީ ރައްޔިތުންގެ މަޖިލީހެވެ. ސިޔާސީ މައިދާނުގެ އޮއިވަރު ބަދަލުވާ ވަރަކަށް މަޖިލީހުގެ ރާގަށް ވެސް އެކި ބަދަލު އާދެއެވެ. އެގޮތުން މި އަހަރު ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތަކަަށް ބަލާއިރު ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ގާނޫންތަކަށް ބަދަލުގެނެސް ނިންމުންތަކެއް ނިންމާފައިވާ ކަން ފާހަގަވެ އެވެ. ތާރީހުގައި ބޮޑު އަކުރުން ލިޔެވޭ ފަދަ މުހިންމު ބިލްތައް ފާސްކުރަން މުގުރި ޖެހި އަހަރެކެވެ. ހަމައެއާއެކު އެހެން އަހަރުތަކާ އެއްފަދައި 2016 ގައި ވެސް ރައްޔިތުން ތަމްސީލު ކުރައްވާ އެކި ޕާޓީތަކުގެ މެންބަރުންގެ ދެމެދުގައި، މަޖިލީހުގެ ތަޅުމުގައި ހޫނު ހަމަލާތަކެއް ބަދަލުކުރިއެވެ. ނަމަވެސް އެ ހަލަބޮލި ކަމާއި "ހަނގުރާމަ" ތަކު ތެރެއިންވެސް ރައްޔިތުންގެ މަޖިލީހުގެ އުފެއްދުންތެރިކަމުން 97.6 ޕަސަންޓު ހާސިލްކުރި އެވެ.

މަޖިލީހުގެ މަސަައްކަތުގެ ހުލާސާއަކަށް އަލިއަޅުވާލާނަމަ މި އަހަރު ތެރޭގައި 50 މައްސަލައެއް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިރު މެންބަރުންގެ ފަރާތުން ހަ މައްސަލައަކާއި ރިޔާސަތުން ދެ މައްސަލައެވެ. އަދި ތިން ގަރާރަކާއި އެހެނިހެން މައްސަލަތަކާ ގުޅޭ ހަތަރު ރިޕޯޓެއް މި އަހަރު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ މި ހުރިހާ މަސައްކަތެއް ވެސް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ކޮމިޓީތަކުން 47 ބިލެއްގެ މަސައްކަތް މި އަހަރު ތެރޭގައިކޮށްފައިވާ އިރު 43 ބިލެއްގެ މަސައްކަތްވަނީ ނިންމާ އެވެ.

ބޮޑެތި ބަދަލުތަކެއް ގާނޫނުތަކަށް ގެނައި

ކޮށްފައި ހުރި މަސައްކަތްތަކުން ފާހަގަވާ އެއްކަމަކީ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ އެތައް ބޮޑެތި ބިލުތަކެއް ފާސްކޮށްފައިވާ އަހަރަކަށްވުމެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތައް ފެށިގެން އައިއިރު ސަރުކާރު ފަރާތުން ހުށަހަޅައިގެން މަސައްކަތްކުރީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށެވެ. އެއީ ދިވެހިންގެ މެދުގައި އޮންނަ ދީނީ ހިޔާލުތަފާތުކުރުންތައް ކުޑަކުރުމުގެ ބޭނުމުގައި ސަރުކާރުން އިސްވެ އެޅި މުހިންމު ފިޔަވަޅެކެވެ. އޭގެ އިތުރުން ރަށްތަކާއި ފަޅުތައް ކުއްޔަށް ދެވޭ އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރި އެވެ. އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލާގައި ގާނޫނުގެ ތެރެއިން އިން ލޫޕް ހޯލަކުން ރަށްތަކާއި ފަޅުތައް ވިކި ކަމަށް އޮޑިޓު ރިޕޯޓުން ފާހަގަކޮށްފައިވާތީ އެ މައްސަލަ ހައްލު ކުރުމަށެވެ. އޭގެ އިތުރުން ބޮޑެތި ބަދަލުތައް ކަމަށްވާ ޖިނާއީ ކުށެއްކޮށްފައިވާ ކުރީގެ ރައީސްއަކަށް އިނާޔަތްތައް ކަނޑާލުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް ފިންގާ ޕްރިންޓު ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ އިތުރުން ކައުންސިލަރުންގެ އަދަދުވެސް މި އަހަރު ތެރޭގައި ވަނީ މަދުކޮށްފައެވެ.

ދެން ހިމެނެނީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ގާނޫންތަކަށް ގެނައި ބޮޑެތި ބަދަލުތަކެވެ. އެގޮތުން މިހާތަނަށްވެސް ގިނަ ބަޔަކަށް ބޭނުން ނުކުރެވި އޮތް ޕެންޝަން ސްކީމް މެދުވެރިކޮށް ގެދޮރުވެރިވުމަށް ބޭނުން ކުރެވޭ ގޮތަށް ގާނޫން އިސްލާހު ކުރުމާއި ހިޔާލު ފާޅު ކުރުމާއި މީހުންގެ އަބުރު ރައްކާތެރި ކުރުން ހަމަހަމަ މިންގަނޑެއްގައި ގެންގުޅުމަށް އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލު ހަރުކަށި ގޮތަކަށް ބަދަލު ކުރުމުގެ އިތުރުން ޖިންސީ ހަމަހަމަ ކަން ގާއިމް ކުރުމުގެ ގޮތުން ޖެންޑާ އީކުއަލިޓީ ބިލެއްވެސް ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި މުޒާހަރާ ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެއުމާއި އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ޑިވަލޮޕްމަންޓު ޗާޖެއް ނަގަން ވެސް މި އަހަރުގެ ރައްޔިތުން މަޖިލީހުގައި ފާސް ކުރި އެވެ.

ޕާޓީ ބަދަލު ކުރުން މަދު، ހިޔާލު ތަފާތުވުން ގިނަ!

=

ސިޔާސީ އޮއެވަރު ބަދަލުވާ ވަރަކަށް މެންބަރުން ތަމްސީލު ގޮނޑީގެ ކުލަ ބަދަލުވުމަކީ ކޮންމެ އަހަރަކުވެސް ފެންނަ ކަމެކެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މި އަހަރާކީ މެންބަރުންގެ ޓްރާންސްފާ މާކެޓުމަދު އަހަރެކެވެ. އެގޮތުން ޕާޓީ ބަދަލު ކުރި ހަމައެކަނި މެންބަރަކީ ޖުމްހޫރީ ޕާޓީގައި ހުންނެވި ދަނގެތީ ދާއިރާގެ މެންބަރުން އަހުމަދު އިލްހާމް ޕީޕީއެމް އަށެވެ.

ޕާޓީތަކުގެ ތެރޭގައި ގިނަ ހިޔާލު ތަފާތުތަކެއް އުފެދުނު އަހަރެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ބޮޑެތި ބިލްތަކުގައި އެކި އެއް ޕާޓީއަކުންވެސް އެކި މެންބަރުންގެ ހިޔާލު ތަފާތުވީ އިރު ޕީޕީއެމްގެ ތެރޭގައި އުފެދުނު ކޯޅުމުގެ ސަބަބުން އެ ޕާޓީގެ ބައެއް މެންބަރުން އިދިކޮޅު ރޯލެއް މަޖިލީހުގެ ތަޅުމުގައި އަދާ ކުރަން ފެށިއެވެ. އޭގެ އިތުރުން މިދިޔަ އަހަރު އެމްޑީއޭއަށް ސޮއި ކުރެއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އެ ޕާޓީއާ ދެކޮޅަށް މަސައްކަތް ފެށި އެވެ.

އޭގެ އިތުރުން އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަހުމަދު މަހުލޫފް ފުލުހުންގެ މަސައްކަތައް ހުރަސް އެޅުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއްގައި ތަންފީޒު ކުރަމުން ގެންދެވުމުގެ ސަބަބުން އޭނާއަށް ވަނީ ތިން ވަނަ ދެވަނަ ދައުރާއި ތިން ވަނަ ދައުރުގެ ޖަލްސާތަކަށް ހާޒިރު ނުވެވިފައެވެ.

މަސީހަށް ހޫނު ހަމަލާތަކެއް!

މަޖިލީހުގެ ތަޅުމުގައި ހިނގާ ހަނގުރާމާގެ ބަދަލު ކުރާ ބޮޑެތި ހަމަލާތަކުގެ މެދުގައި ރައްޔިތުން މެޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ އަބަދުވެސް މަޑުމައިތިރިކަމާއެކު ހުންނަވާ ބޭފުޅެކެވެ. .

ކޮންމެއަކަސް 2016 އަކީ މަސީހަށް ހޫނު ހަމަލާތަކެއް ރައްދުވީ އަހަރެކެވެ. ތަޅުމުގައި އިދިކޮޅު މެންބަރުންގެ "ލެކްޗަރުތައް" ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް އަޑު އަހަން ޖެހުމުގެ އިތުރުން މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ވެސް ދެ ފަހަރަކަށް މަސައްކަތް ކުރި އެވެ. ފުރަތަމަ ފަހަރަށް އެ ކަން ކުރަން ރޭވީ އިދިކޮޅު އެމްޑީޕީއިންނެވެ. ނަމަވެސް މަޖިލީހަށް އެ މައްސަލަ ހުށަހެޅުމަށް ފަހު އެ ޕާޓީއިން ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންދަވާފަ އެވެ. ނަމަވެސް ދެން އައި ހަމަލާއަކީ ޕީޕީއެމް ތެރޭގައި އުފެދުން ކޯޅުމުގެ ތެރެއިން މަސީހު ވައްޓާލަން ކުރި މަސައްކަތެވެ. ނަމަވެސް ރައީސް ޔާމީންގެ ވަނީ އެކަން ކުރުމަށްވެސް އެއްވެސް ޖާގައެއް ނެއްކަން ސާބިތުކޮށްފައެވެ. އޭގެ ފަހުން އެ މަސައްކަތްވެސް ނުކޮށް ދޫކޮށްލި އެވެ.

އަހަރު ނިންމިގެން ހާޒިރީއަށް ބަލާއިރު ކޮންމެ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އެންމެ މަދުން ހާޒިރުވެފައިވަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމެވެ. މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް ނިމި، މެމްބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފަ އެވެ. އާ އަހަރުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ މަހުގަ އެވެ. ނަމަވެސް 2016 ގައި ފާސްކޮށްފައިވާ ބިލުތަކުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

ފަހުގެ ޚަބަރު