ކުއްލި ޚަބަރު

އެމްޕީއެލްގެ ސީއީއޯ ޖުނައިދު އިސްތިއުފާ ދެއްވައިފި

ރިޕޯޓް

ޕީޕީއެމް ދެބައިވުން: އަހަރުގެ ބޮޑު ކޯޅުން

ޕީޕީއެމްގެ އެތެރޭގައި މައްސަލަތަކާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ރައީސް މައުމޫން ޕީޕީއެމް އޮފީހުން ނިކުމެވަޑައިގަންނަވަނީ: ޕީޕީއެމް ވަނީ ދެބައިވެފަ - އަވަސް ފޮޓޯ: އަހުމަދު ޝުރާއު

ނިމިގެން މިދިޔަ އަހަރު ރާއްޖޭގެ ސިޔާސީ މައިދާނަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ނޫނީ އެކަމަކަށް މުޅި ގައުމުގެ ސަމާލުކަން ހުއްޓިގެން ދިޔައީ އިދިކޮޅު ޕާޓީއަކާއި ސަރުކާރާ ދެމެދު ހިނގި ކަމަކަށް ނޫނެވެ. ސަރުކާރު ހިންގާ، ޕީޕީއެމްގެ އެތެރޭގެ މައްސަލަ ގަނޑަށެވެ. ޕީޕީއެމް އެތެރޭގައި ފެޅި ކުޑަ ހުޅުކޮޅު ބޮޑުވެ، އެ ހުޅުގަނޑު ނިއްވާލެވުނު ޕާޓީ އޮތީ ދެ ފަޅިވެފަ އެވެ.

ޕީޕީއެމްގެ އެތެރޭގައި މައްސަލަ ޖެހެން ފެށީ، ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ދެމެދު ހިޔަލާ ތަފާތުވާން ފެށުމުންނެވެ. އެންމެ ފުރަތަމަ ހިޔާލު ތަފާތުވެގެން ގޮސްފައިވަނީ ޕްރައިމަރީއަކާ ނުލާ، 2018 ގައި ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ކައުންސިލް ބައެއް މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރި މައްސަލާގަ އެވެ. ރައީސް މައުމޫން އެގޮތް ބޭނުންފުޅު ނުވާއިރު ކައުންސިލް ގިނަ މެންބަރުން ބޭނުންވަނީ ޕްރައިމަރީ ނުބޭއްވުމަށެވެ.

ހިޔާލު ތަފާތުވުންތައް އެންމެ ފުރަތަމަ އާންމުންގެ ލޯ މައްޗަށް އައީ، ބިޑަކާ ނުލާ ފަޅު ރަށްތައް ދޫކުރާ ބިލް މަޖިލީހަށް ހުށަހެޅުމުންނެވެ. އެ ބިލަށް ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވަނީ ފާޅުގައި ދެކޮޅު ހައްދަވައި ބިލަށް ނޫނެކޭ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ވިޕާ ހިލާފުވި ކަމަށް ބުނެ، ފާރިސްއަށް ފިޔަވަޅު އަޅައި ޕާޓީން ވަކިކުރަން ނިންމުމުން ރައީސް މައުމޫން ވަނީ ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވި އެވެ. އަދި ޕާޓީގެ ހުރިހާ ގުނަވަނެއް ސަސްޕެންޑްކޮށް ޕާޓީ ހުއްޓުމަކަށް ގެންނެވި އެވެ. އެ ދުވަސްވަރު ޕާޓީގެ ބައެއް މަޖިލިސް މެންބަރުންނާއި ރައީސް މައުމޫންއާ ދެމެދު ހޫނު ބަހުގެ ހަމަލާތައް ރައްދުކޮށްފައިވެ އެވެ.

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މައުމޫން އުޅުއްވުމުން ފުލުހުން ހުރަސް އެޅުމުން ދަރިކަލުން ފާރިސް މަގުމަތީގައި: ޕީޕީއެމްގެ އެތެރޭގެ ކޯޅުން މިދިޔަ އަހަރު ބޮޑު - އަވަސް ފޮޓޯ: އަހުމަދު ޝުރާއު

މިކަންތައް ގަނޑުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ދެ ބޭފުޅުންނަކީ ވެސް ރައީސް މައުމޫންއަށް ތާއީދުކުރައްވާ ދެ ބޭފުޅުންނެވެ. އުމަރު ވަނީ އިސްތިއުފާ ދެއްވުމަށްފަހު 2018 ގައި ރިޔާސީ އިންތިހާބަށް ނިކުންނަވާނެކަން އިއުލާން ވެސް ކުރައްވާފަ އެވެ.

މައްސަލަތައް ހައްލުކުރުމަށް ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ވެސް ރައީސް މައުމޫން ވަނީ ބާއްވަވާފަ އެވެ. އެހެންނަމަވެސް ފާރިސް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވާތީ އެކަމާ ހިތްހަމަ ނުޖެހިގެން ކައުންސިލްގެ މެޖޯރިޓީ މެންބަރުން ވަނީ ބައްދަލުވުން ދޫކޮށް ނިކުމެފަ އެވެ. އޭގެފަހުން ފެނިގެން ދިޔައީ ކައުންސިލުންނާއި ޕާޓީގެ އެހެން ވެސް މަގާމުތަކުން ބޭފުޅުން ވަކިކުރަމުން ދިޔަ މަންޒަރެވެ. ރައީސް މައުމޫނަށް ލިބިދީފައިވާ ބާރުގެ ދަށުން ނުހައްގުން ކަންކަން ކުރައްވަނީ ކަމަށް ބުނެ، ރައީސް މައުމޫންއާ ހިޔާލު ތަފާތުވި ފަރާތްތައް ދެން ދިޔައީ ކޯޓަށެވެ.

ޕާޓީ ހިސޯރުކޮށް ރައީސް މައުމޫން އުޅުއްވާ ކަމަށް ބުނެ ސިވިލް ކޯޓަށް ވެއްދި އެ މައްސަލަ ނިމިގެން ދިޔައީ ޕާޓީގެ ހިންގުމަށް ރައީސް މައުމޫން ހުރަސްއަޅާފައިވާ ކަމަށް ކަނޑައަޅައި، އެ ޕާޓީގެ ހިންގުން ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް ހުކުމްކުރުމާއެކު އެވެ. އެ ހުކުމް ހައިކޯޓުގައި ޕާޓީގެ އާންމު މެންބަރަކު އިސްތިއުނާފުކުރުން ހުކުމަށް ވަނީ ހައިކޯޓުން ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ޕީޕީއެމްގެ މައްސަލައިގެ އަޑުއެހުމަށްފަހު މައުމޫނަށް ތާއިދުކުރައްވާ ފަރާތްތަކުން ހައިކޯޓުން ނިކުންނަވަނީ: ކޯޓުން ޕީޕީއެމްގެ ހިންގުން ހަވާލުކުރީ ރައީސް ޔާމީނަށް - އަވަސް ފޮޓޯ: އަހުމަދު ޝުރާއު

ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތްވާ ވެސް ރައީސް މައުމޫން ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ މަދު ކައުންސިލް މެންބަރުންނާއެކު ކައުންސިލް ބައްދަލުވުންތައް ބާއްވާފަ އެވެ. ހަމަ އެގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ރައީސް ޔާމީންގެ ރިޔާސަތުގެ ދަށުން ވެސް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތައް ބާއްވާފައިވެ އެވެ.

ޕީޕީއެމްގެ އަހަރީ ދުވަހު ވެސް ވަނީ ވަރުގަދަ "ކޯޅުންގަނޑެއް" ހިނގާފަ އެވެ. އެ ދުވަހު ޕީޕީއެމްގެ މައި އޮފީހުގައި ރައީސް މައުމޫން ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދަނިކޮށް ފުލުހުން ވަނީ މުޅި އެ ސަރަހައްދު ބަންދުކޮށްފަ އެވެ. މީގެކުރިން މަގުމަތީ ހަރަކާތަށް ނުނިކުންނަ ފާރިސް މައުމޫން އެ ރޭ މަގުމައްޗަށް ނިކުންނެވިއިރު ރައީސް މައުމޫން ވަނީ އެ ރޭ ސަރުކާރަށް ކުރައްވާ ތާއީދު ވެސް އަނބުރާ ގެންދަވާފަ އެވެ. ޕީޕީއެމްގެ އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ ކުރިން ރައީސް މައުމޫން ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ދިގު ބަޔާނެއް ދެއްވާފަ އެވެ.

އެ ރޭ ވަނީ ޕީޕީއެމްގެ އޮފީހުގައި ތަޅު ވެސް އަޅުވާފަ އެވެ. އެ ތަޅު ހުޅުވައި، އެ ތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ ރައީސް ޔާމީނަށް ތާއިދުކުރައްވާ ފަރާތްތަކުން ދަރުބާރުގެއަށް ގެންގޮސްފަ އެވެ. ޕީޕީއެމްގެ އޮފީސް މިހާރު ހުރީ ދަރުބާރުގޭގަ އެވެ. ޕީޕީއެމްގެ މައި އޮފީސް ހުރި ތަނުގައި މިހާރު ހުރީ، ރައީސް މައުމޫންގެ އޮފީހެވެ.

ރައީސް ޔާމީން ބޭއްވެވި އަސްލު ޖަލްސާގެ ތެރެއިން: ޕީޕީއެމްގެ ހިންގުން ވަނީ އެމަނކުފާނާ ހަވާލުކޮށްފަ - އަވަސް ފޮޓޯ: އަހުމަދު ޝުރާއު

ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނަށް ހަވާލުކުރުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމާއެކު ކޮންމެވެސް ވަރަކަށް ޕީޕީއެމްގެ ފޯރިގަނޑު ވަނީ ކުޑަވެފަ އެވެ. އޭގެ ފަހުން ރައީސް ޔާމީން ވަނީ "އަސްލު"ގެ ނަމުގައި ބޮޑު ޖަލްސާއެއް މާލޭގައި އަދި ބައެއް ރަށްތަކުގައި ވެސް ބާއްވާފަ އެެ. މިހާރު ވެސް ސަރުކާރުގެ ބައެއް ސިޔާސަތުތައް ރައީސް މައުމޫން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ގަނޑުގެ ސަބަބުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ވެސް ވަނީ ފަސްކޮށްފަ އެވެ. ޕާޓީގެ އެތޭގައި އުފެދުނު މައްސަލަތަކުގެ އިންތިހާބަށް ތައްޔާރުވުމަށް ވަގުތު ނުލިބުނު ކަމަށާއި ބައެއް މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް ޕީޕީއެމް ވެއްދި މައްސަލާގައި ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މިކަމަށް އެހެން ހުރިހާ ސިޔާސީ ޕާޓީތަކަކުން ދިޔައީ ދެކޮޅު ހަދަމުންނެވެ.

ކޮންމެއަކަސް ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ގަނޑަކީ މިދިޔަ އަހަރު ފާހަގަވި ސިޔާސީ އެންމެ ބޮޑު ކުޅިގަނޑެވެ. އޭގެ ސަބަބުން އެތައް ކަމެއް ބަދަލުވެގެން ގޮސްފައިވާއިރު ސަރުކާރަށާއި އިދިކޮޅު ހަރަކާތްތައް ބޮޑެތި ބަދަލުތަކެއް އެކަމުގެ ސަބަބުން ވަނީ އައިސްފަ އެވެ.

ފަހުގެ ޚަބަރު