ކުއްލި ޚަބަރު

އެމްޕީއެލްގެ ސީއީއޯ ޖުނައިދު އިސްތިއުފާ ދެއްވައިފި

ރާއްޖެ

ކަނޑާއި އަލިފާނުގެ ހާދިސާތަކުގެ ބޮޑު އަހަރެއް!

ކޯސްޓްލައިން ހާޑްވެއާގައި އަލިފާން ރޯވެ އަނދަނީ: މިއީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ -- އަވަސް ފައިލް ފޮޓޯ

ގައުމެއްގެ ހަޔާތުގައި ފާއިތުވާ ކޮންމެ އަހަރަކީ ގިނަ ތާރީހުތަކެއް ފަވާލަދީ، ހަނދާނުގައި ބަހައްޓާނެ ގިނަ ކަންތައްތަކެއް ދަސްކޮށްދީ، ދަސްކުރަން މަޖުބޫރުކުރުވުމަށްފަހު އަލްވަދާއު ކިޔާ އަހަރެކެވެ. އަހަރުގެ ތެރޭގައި ހިނގައިދިޔަ ކަންކަމަށް އަވަސް ކަޅިއަކުން ނަޒަރެއް ހިންގާލަންޖެހެނީ މި ސަބަބާ ހެދި އެވެ. އެހެން ކޮންމެ އަހަރެކޭ އެއްގޮތަށް މިދިޔަ އަހަރަކީވެސް މުހިއްމު އެތަކެއް ކަންތައްތަކެއް ގައުމަށް ކުރިމަތިކުރުވައި އެ ކަންކަމުގެ ސަބަބުން ޖުމްލަކޮށް މުޅި ގައުމުގެ ސަމާލުކަން ލިބިގެންދިޔަ ކަންތައްތަކެއް ހިނގި އަހަރެކެވެ.

2016 ފާހަގަކޮށްލެވެނީ ކަނޑުމަތީގެ ހާދިސާތައް އާދަޔާ ހިލާފަށް ހިނގި އަހަރެއްގެ ގޮތުގަ އެވެ. ހާއްސަކޮށް މިއީ "އޮޑި ފަރަށް" އެރި އަހަރެކޭ ބުނުމަކުން ކުށަކަށް ނުވާނެ އެވެ. ފަރަށް އެރި ކަނޑު އުޅަނދު ފަހަރުތަކުގެ ތެރެއިންވެސް އެންމެ ހަނދާނަށް އަންނަ އެއް ސުރުހީއަކީ މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު، ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތަށް ބޭނުންވާ ސާމާނު ހިފައިގެން ދަނިކޮށް ފަރަށް އެރި ވިއެޓްނާމްގެ ބޯޓުގެ ވާހަކަ އެވެ.

ފުވައްމުލަކު ފަރަށް އެރީ، 20 ފަޅުވެރިންނާއި އެކު ދަތުރު ކުރަމުން ދަނިކޮށް "އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ވިއެޓްނާމްގެ ބޯޓެކެވެ. ބޯޓު ފަރަށް އެރި އިރު އެ ބޯޓުގައި 5700 ޓަނުގެ ހިލަ ހުއްޓެވެ. ބޯޓު ފުން ނުކުރެވިގެން އޭގައި ހުރި ގިނަ އަދަދެއްގެ ހިލަ ފަރަށް އުކާލައިގެންވެސް އެކަމެއް ނުވި އެވެ. އެންމެ ފަހުން ބޯޓު ފުން ކުރެވުނީ ބޯޓު ފަރަށް އެރިތާ ދެމަސް ދުވަސް ވީ ފަހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަަނަ ދުވަހު އެވެ. މި ބޯޓު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 633.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ބޯޓުގެ ވެރިފަރާތަށް ދައުލަތުން އެންގި އެވެ. ނަމަވެސް ބޯޓުގެ ވެރިފަރާތުން ވަނީ ބަދަލުގެ ގޮތުގައި ކަނޑައެޅި ވަރަށް ފައިސާ ދެވެން ނެތްކަމަށް ބުނެ ފައިސާ ދެއްކުން ލަސްކޮށްފަ އެވެ.

އުޅަނދު ތަކުގައި ރޯވުމާއި އަޑިއަށް ދިޔަ އަދަދު މަދެއް ނޫން!

މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ގިނަ އަދަދަކަށް އަލިފާނުގެ ހާދިސާ ވެސް ހިނގި އަހަރެއްގެ ގޮތުގައެވެ. އެގޮތުން ކަނޑުމަތީގައިވެސް ގިނަ އަލިފާނުގެ ހާދިސާތަކެއް މިއަހަރުގެ ތެރޭގައި ވަނީ ހިނގާފަ އެވެ. މިއަހަރު ހިނގި އެންމެ ހިތްދަތި ކަނޑުމަތީގެ އަލިފާނުގެ ހާދިސާއަކީ ނިމިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު މިފްކޯގެ "ބަރޯސާ" ނަމަކަށް ކިޔާ ބޯޓެއްގައި ރޯވި ހާދިސާއެވެ. އެ ހާދިސާގައި ބޯޓުގައި ރޯވި އަލިފާންގަނޑު އޭގެ ފަހި ދުވަސް ނިމުނު އިރުވެސް މުޅިން ނިއްވައިނުލެވުނު އިރު، ބޯޓުގެ އަލިފާންގަނޑުގެ ތެރޭގައި ވެ އޭގައި މަސައްކަތްކުރި ބިދޭސީ މީހަކުވެސް ވަނީ މުޅިން އަނދައި އަޅިޔަށް ވެފަ އެވެ. ފުލުހުންނަށް ފެނުނީ ހަމައެކަނި އޭނާގެ އަނދާފައިވާ ހަށިގަނޑުގެ ކަށިތަކެވެ.

ހަމަ މިއާއެކު މި މަހުގެ 26 ވަނަ ދުވަހު ތިންހާސް ބަސްތާ ކާޑާއި އެހެނިހެން ތަކެތި ބަރުކޮށްގެން ފުރަން ތައްޔާރުވެފައި އޮތް އެސްޓީއޯގެ ދޯންޏެއް މާލޭގެ ޓީޖެޓީ ސަރަހައްދަށް އަޑިއަށް ދިޔަ ހަބަރަކީވެސް މިދިޔަ 2016ގެ ތެރޭގައި ހިނގި ބޮޑު އަދި ހިތްދަތި ކަނޑުމަތީގެ ހާދިސާއެކެވެ. އެސްޓީއޯގެ "ކަހަނބު" ނަމަކަށް ކިޔާ އެ ދޯނި އަޑިޔަށް ގޮސްފައިވަނީ 3000 ބަސްތާ ހަނޑުލާ ހަކުރާ ފުށާއި ބޭނުންވާ އެހެނިހެން ތަކެއްޗާވެސް އެކު އެވެ. ބޯޓު އަޑިއަށް ދިޔަތާ އިރުތަކެއް ފަހުން އެމްއެންޑީއެފުން ވަނީ ބޯޓު ތެރޭގައި ހުރި މުދާތައް ނަގައި ބޭލުމަށްފަހު ދޯނީގެ ދިޔަ ހިއްކާފަ އެވެ. ނަމަވެސް އެއިން މުދަލެއް ހުރީ ބޭނުންކުރެވޭ ގޮތަކަށް ނޫނެވެ.
މި ނޫނަސް މިދިޔަ އަހަރު ތެރޭގައި ހިންގައިދިޔަ ދޯނި އަޑިއަށް ދިއުމުގެ ހާދިސާތަކުގެ ތެރޭގައި ވަށަފަރު ކައިރިން އަޑިއަށް ދިޔަ ދޯންޏާއި އޮކްޓޫބަރު މަހުގެ ތެރޭގައި ރ. ވާދޫ ކައިރީގައި އޮންނަ އެނބޫދޫ ފަރުމައްޗަށް ހިލަވެއްޔާއެކު ދަތުރުކުރަމުންދަނިކޮށް އަޑިއަށްދިޔަ ދޯނީގެ އިތުރަށް އޮގަސްޓު މަހުގެ ތެރޭގައި ކ. ކުޑަވިލިނގިލީ ފަޅުތެރެއަށް "ދޮންކަމަނަ" ނަމަކަށް ކިޔާ ޔޮޓެއް އަޑިއަށް ދިޔަ ހާދިސާ ހިމެނެ އެވެ.

މި ލިސްޓުގައި ދެން އެންމެ ފާހަގަކޮށްލަންޖެހެނީ، ދާދި ފަހުން ކ. ގާފަރު ބޭރުގައި މަސް ބާނަމުން ދިޔަ ދޯންނެއްގައި އަލިފާން ރޯވި ހާދިސާ އެވެ. އެ ހާދިސާ ހިނގީ މަސްވެރިންތަކެއް މަސްބާނަން ތިއްބައި ކަމަށް ވިޔަސް އަލިފާން ރޯވުމާއެކު އެ މީހުން ވަނީ ކަނޑަށް ފުންމާލައި ރޯވި އަލިފާންގަނޑުން ސަލާމަތްވެފަ އެވެ. އެ ހާދިސާގައި ދޯނީގެ ބޮޑު ބައެއް މުޅިން އަނދައި އަޅިއަށްވެ ހައެއްކަ ލައްކަ ރުފިޔާގެ ގެއްލުން ދޯނީގެ ވެރި ފަރާތަށް ވަނީ ވެފަ އެވެ. ނަމަވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. މި ނޫނަސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނޑުމަތީގައި އަލިފާނުގެ ހާދިސާތަކެއް މި އަހަރު ތެރޭގައި ހިނގާފައިވެ އެވެ.

ފުވައްމުލަކު ފަރަށް އުރުނު ބޯޓު. --

ސަރުކާރުން ހިމާޔަތްކޮށްފައިވާ ބ. ހަނިފަރަށް ދޯންޏެއް އަރައި ގިނަ ގެއްލުންތަކެއް ވީ ވެސް މިދިޔަ އަހަރު އެވެ. އޮކްޓޫބަރުމަހު ހިނގި އެ ހާދިސާގައި ފަރަށް އެރީ އެއަތޮޅު ދަރަވަންދޫ އިން ފުރައިގެން ދިޔަ "ދޮށި ދޯނި 1" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި ފުންކުރެވުނީ ފަރަށް ގިނަ ގެއްލުންތަކެއް ލިބުމަށްފަހު ދޯނި ފަރަށް އެރިތާ ހަތަރުވަނަ ދުވަހު އެވެ. އެ ހާދިސާގައި ވި ގެއްލުންތަކަށް ދޯނި ޖުރިމައިނާ ކުރާނެ ކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް ޖޫރިމަނާގެ އަދަދު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މުދާ ބަރުކޮށްގެން މާލެއިން ފުރައިގެން ކަނުހުރާ ރިސޯޓަށް ދަތުރު ކުރި "އައިލަންޑް އެކްސްޕްރެސް ހަމަތި" ނަމަކަށް ކިޔާ 65 ފޫޓްގެ ދޯންޏެއް ޅ ކަނުހުރާ ރިސޯޓު ފަރަށް އެރީވެސް މި ދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި ޖެހިގެން އައި މަހު ވަނީ ދ. އަރި ބީޗް ރިސޯޓުން ފުރައިގެން ތިލަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ތިލަފުށީ ފަރަށް ވެސް އަރާފަ އެވެ. މިއިން އެއްވެސް ހާދިސާއެއްގައި މީހަކަށް ގެއްލުމެއް ނުވެ އެވެ. އަދި މާގިނަ އިރުތަކެއް ނުވެ ދޯނިތަށް ވަނީ ފުންކޮށްފަ އެވެ.

ލޯންޗު ފަހަރު ފަރަށް އެރުމުގެ މި ނޫނަސް ގިނަ ހާދިސާތަކެއް ނިމުނު 2016 ގައި ވަނީ ހިނގާފަ އެވެ. ނަމަވެސް އެއިން އެއްވެސް ހާދިސާއެއްގައި މީހަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް ފަރަށް އެރުމުގެ ސަބަބުން އުޅަނދުތަކުގެ ވެރިންނަށް ކުދި ގެއްލުންތައް ހާދިސާތަކުގައި ވަނީ ވެފައެވެ. މިދިޔަ އޮކްޓޫބަރު މަހު ގދ. ކާޑެއްދޫން ފުރައިގެން ތިނަދޫއަށް ދަނިކޮށް ކައިރީގައި އޮންނަ ކޮނޑަގިރިގައްލާ ފަރަަށް ލޯންޗެއް އެރި ހާދިސާ އާއި ސެޕްޓެމްބަރު މަހު މާލެއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ކ. ގުޅީ ފަރަށް އެރުމުގެ ހާދިސާ އަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ހާދިސާއެވެ. ލޯންޗް ފަރަށް އެރި ވަގުތު އޭގައި މީހުން ތިބި ނަމަވެސް، މާގިނަ އިރުތަކެއް ނުވެ އެމްއެންޑީއެފުން ވަނީ ކައިރި ރަށްރަށަށް ގެންގޮސް ލޯންޗު ފުން ކޮށްފަ އެވެ.

އަލިފާނުގެ އެންމެ ވަރުގަދަ ހާދިސާތައް ވެސް!

ތަންތަން ރޯވުމުގެ ބޮޑެތި ހާދިސާތަކުގެ ސިލްސިލާ މިދިޔަ އަހަރު ފެށިގެން އައީ ޖެނުއަރީ 20 ވަނަ ދުވަހު ފަރިވާ އިލެކްޓްރޯނިކްގައި ރޯވި ބޮޑު އަލިފާންގަނޑާއެކު އެވެ. ފަރިވާގައި ރޯވި އަލިފާންގަނޑު މައިތިރިވި އިރު، މުޅި ފިހާރަ ވަނީ އަނދާ އަޅިއަށްވެފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ހާދިސާއަށް މަހެއް ވީއިރު، ފަރިވާއިން އާ ފިހާރައެއް ވެސް ހުޅުވި އެވެ.

މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާ އަކީ ކޯސްޓްލައިން ހާޑްވެއާގައި ރޯވުމެވެ. މުޅި ރާއްޖެއަށް ސިއްސުވާލި އެ ހާދިސާގައި ވިޔަފާރިވެރި ފަރާތަށް ލިބުނު ގެއްލުމުގެ އިތުރަށް އެތަކެއް އާއިލާއެއް ގެދޮރު ހަލާކުވުމުގެ ސަބަބުން ހާލުގައި ޖެހުނެވެ. ހާލުގައި ޖެހުނު 85 ފަރާތެއް ވަގުތީ ހިޔާއަށް ގެންދިޔަ އިރު އޭގެ ތެރެއިން ބައެއް މީހުން ދެ މަސް ދުވަސް ވަންދެން ހިޔާތަކުގައި ދިރިއުޅުނެވެ. ނަމަވެސް މިހާރު އެ ހުރިހާ ފަރާތްތކަށް ސަރުކާރުން ވަނީ އެހީގެ ގޮތު ލާރި ދިނުމަށްފަހު އާންމު ހާލަތަށް ގެނެސްފަ އެވެ.

ކޯސްޓްލައިން ހާޑްވެއާގައި އަލިފާން ރޯވެފައި - އަވަސް ފޮޓޯ: އަހުމަދު ޝުރާއު

މުޅި ރަށް ނިދައި ހިލަވަޅު އޮބިފައި އޮއްވާ ކުއްލިއަކަށް ރޯވި އަލިފާންގަނޑާއެކު އިންޖީނުގެ އަނދައި ހުލިވުމުން ތިނަދޫގެ ރައްޔިތުން ކަރަންޓަށް ޖެހި އަނދިރިކަމުގައި ނިދަން ޖެހުނީވެސް މިދިޔަ އަހަރު އެވެ. ތިނަދޫ އިންޖީނުގޭގައި ރޯވީ 2016 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއްކަމަށް ތުހުމަތު ކުރެވޭއިރު އެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރި އެވެ. އެ ހާދިސާގައި ތިނަދޫ އިންޖީނުގޭގައި ހުރި ހުރިހާ ޖެނަރޭޓަރުތަކެއް އަނދައި އަޅިއަށް ވެފައިވާއިރު، އެރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ވަނީ ހާދިސާއަށް ހަތަރު ވަރަކަށް ދުވަސް ތެރޭ ތިނަދޫގެ އާބާދީއަށް އެކަށޭނަ ކަރަންޓު ފޯރުކޮށްދޭން ތިން ޖެނަރޭޓަރު އެރަށަށް ގެންގޮސްފަ އެވެ. އަދި ދާއިމީ ހައްލެއް ހޯދައިދޭން ރަށަށް ހަތަރު އިންޖީނު ގަންނަން 1.264 މިލިއަން ޑޮލަރަށް ސިންގަޕޫރު ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެނދި އިންޖީނުގެ ހުރިތަނުގައި އާ އިންޖީނުގެއެއް އެޅުމަށް ވެސް ލަންކާ ކުންފުންޏަކާ ހަވާލުކޮށް އެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.

ތިނަދޫ އިންޖީނުގެ އަނދައި ހުލިވެފައި. -- ފޮޓޯ: ވިންކްސް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ވެގެން ދިޔައީ ގ. އެސްބަރީ ގޭގައި ދިރިއުޅުނު އާއިލާތަކަށް ބިރުވެރި މަހަކަށެވެ. އިރާކޮޅުގެ ވަގުތެއްގައި އެސްބަރީ ގޭގެ ތިން ވަނަ ބުރީގައި ރޯވެ އަނދަންފެށި ގޮތަށް އަލިފާންގަނޑު ބޮޑުވެ އެ ގެއާ ޖެހިގެން ހުރި ގޭގެ މީހުންނަށް ވެސް އަލިފާނުގެ އަސަރު ކުރިއިރު، އެ ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅުނު 17 އާއިލާއަކަށް ސަރުކާރާއި މަދަނީ ޖަމިއްޔާތަކުން ވަގުތީ ހިޔާވަހިތަކެއް ވެސް ހޯދައިދޭން ޖެހުނެވެ. ނަމަވެސް އެ ފަރާތްތައް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫއަ ވެފައެވެ.

ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ ލިސްޓަށް 2016 ވަނަ އަހަރު އެންމެ ފަހުން އިތުރުވި ބޮޅަކީވެސް ގިނަ ގެއްލުންތަކެއް ލިބުނު ބޮޑު ހާދިސާއެކެވެ. މއ. ކަފިދޫ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ ޖާގައިގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު މުޅި އިމާރާތް އޮތީ އަނދާ އަޅިއަށް ވެފަ އެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ރޯވި އެ އަލިފާންގަނޑު ބޮޑުވެ އެތަނާ އިންވެގެން ހުރި ދެ ގެއަކަށް އަލިފާނުގެ އަސަރުކުރި އިރު، ހާދިސާގައި އެކި ވަރުގެ ގެއްލުންވި 20 ފަރާތަކަށް ސަރުކާރުން ވަގުރީ ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. އެ ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކަށްވެސް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

މިދިޔަ ހަފްތާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މޗ. ކަފިދޫގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ: މާލޭގެ ގުދަންތަނުގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގުން އަންނަނީ އިތުރުވަމުން. -- އަވަސް ފޮޓޯ: އަފްޝީން ނަސީރު

ނިމުނު ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ސްކޫޕުގެ ބަދިގޭގައި ރޯވި އަލިފާންގަނޑާއެކު މާލޭގެ އެތަކެއް ހާސް ބައެއްގެ މޫނުމައްޗަށް ވެރިވެގެންދިޔައީ މާޔޫސް ކަމެކެވެ. ގޭސް ފުޅިއަކުން ގޭސް ލީކުވުމުގެ ސަބަބުން ރޯވި އެ އަލިފާންގަނޑު ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލުމުގައި ސިފައިން ކާމިޔާބު ހޯދިއެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ހެންވޭރު ސޯސަން ފްލާވާގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއަކީ ވެސް ހަމަ މިފަދަ ހާދިސާއެކެވެ. ބެލްކަނީގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި ރޯވެގެން ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި އަލިފާން ރޯވި ބަޔަށް ގެއްލުންވެ އިމާރާތަށް އެކި ވަރުގެ ގެއްލުންވީ ނަމަވެސް، ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެ އަލިފާންގަނޑު މާ ބޯދު ނުވަނީ ސިފައިން ވަނީ އަލިފާން ނިއްވުމުގައި ކާމިޔާބު ހޯދާފަ އެވެ.

މިއީ ނިމިދިޔަ އަހަރު ރާއްޖޭގެ މަސްރަހުގައި ހިނގި ބައެއް ބޮޑެތި ހާދިސާތަކަށް އަޅުވާލި ކުޑަ އައްޔެކެވެ. ނަމަވެސް މިނޫނަސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ވަރުގެ އަލިފާނުގެ ހާދިސާތައް މިދިޔަ އަހަރު ހިނގާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ތަފްސީލުތަކަށް އެކަނި ވިސްނައިލިޔަސް 2016 ވަނަ އަހަރަކީ ބޮޑެތި ހާދިސާތަކުގެ އަހަރެއްކަން ޔަގީނެވެ.

ފަހުގެ ޚަބަރު