ރިޕޯޓް

2016: 17 އަހަރަށް ފަހު އިމްރާން ގައުމީ ޓީމަށް ދުރަށް!

މިއީ މުޅި އަހަރުވެސް ކުޅިވަރުގައި އެ ޚަބަރަކަށް އެންމެ ބޮޑު ސަމާލު ކަމެއް ލިބުނު ޚަބަރެވެ. ސަތާރަ އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ޚަބަރުން ނެވެ. އިމްރާން ގައުމީ ޓީމުން ރިޓަޔާ ކުރި ޚަބަރާއެކު އެތަށް ލޮލެއް ފެން ކަޅި ކޮށްލިއެވެ. އެ ޚަބަރު އަޑު އަހާފައި ދެރަ ނުވާ އެންމެ ހިތެއް ވެސް މިރާއްޖެ އަކު ނެތެވެ. ސޯޝަލް މީޑިއާގައި ދިވެހި އެތައް ރައްޔިތުންނެއް އިމްރާން ރައްދު ކުރަމުން ދިޔަ ޓްރިބިޔުޓް ތަކުން އޭނާ އާ މެދު ދިވެހިންގެ ހިތުގައި އޮތް ލޯއްބާއި ގަދަރު ހާމަވެގެން ދެއެވެ.

އޮކްޓޫބަރު މަހު 12 ވަނަ ދުވަހު އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އޭޝިއަން ކަޕް ކޮލިފައިން ބުރަށް ރާއްޖެ ކޮލިފައި ކޮށްދިނުމަށްފަހުއެވެ. ލާއޯސްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑް އެޅީ ވެސް އޭނާ އެވެ.

ފުޓްބޯޅައިގެ ބައިނަލްއަގާވާމީ އެތައް މެޗެއްގައި އިމްރާން ކުޅުނެވެ. ފިންޏާއި ހޫނުގައެވެ. ދެހާސް ހަ ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިން ބުރުން ޖާގަ ހޯދުމަށް މޮންގޯލިއާއާ ދެކޮޅަށް 2003 ވަނަ އަހަރު ނޮވެމްބަރު މަހު ކުޅުނު ޕްލޭއޮފް ފުރަތަމަ ލެގް މެޗުގައި މޮންގޯލިއާގައި އިމްރާން ގޯލް ބެލެހެއްޓި މެޗުގައި ރާއްޖެ ކުޅެމުން ދިޔައިރު ފިނިމިނަކީ މައިނަސް ޒީރޯ އެވެ.

ކޮންމެ އަކަށް އެކި ލެވަލުގައި ފުޓްބޯޅަ ކުޅުމަށްފަހު، އުމުރުން 19 އަހަރުގައި ގައުމީ ޓީމުގެ އެއް ވަނަ ކީޕަރުގެ އަންގި އެލީ އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 111 މެޗު ކުޅުމަށް ފަހު ގައުމީ ޓީމަށް އެންމެ ގިނައިން ކާމިޔާބު ހޯދި ކުޅުންތެރިޔާގެ ގޮތުގައެވެ. ދެހާސް އަށް ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގެ އިތުރަށް ރާއްޖޭގެ ގޯލްގައި ހުރެ އިމްރާން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ދެ ފަހަރަށް ހޯދައިދީފައެވެ. އެއީ ދެހާސް ތިން ވަނަ އަހަރާއި 2009 ވަނަ އަހަރު އެވެ.

މީގެ އިތުރަށް ގޯލްޑަން ޖުބްލީގެ ދެ ވަނަ އާއި އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދައިދިނުމުގައި މުހިނމު ދައުރެއް އަދާ ކުރިއެވެ. މިއީ އިންޑަވިޖުއަލް ދެ ވަނަ ކުޅުންތެރިޔަކަށް ދިވެހި ގައުމީ ޓީމަށް ހޯދައިި ދެވުނު ކާމިޔާބެއް ނޫނެވެ.

އިމްރާން ގައުމީ ޓީމުން ވަކި ވެއްޖެއެވެ. އެއީ ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ކީޕަރެވެ. ނަމަވެސް އަދިވެސް އެއީ ރާއްޖޭގެ އެއް ވަނަ ގޯލް ކީޕަރެވެ. މޮޅު ކީޕަރަކު ހޯދި ދާނެއެވެ. ނަމަވެސް އިމްރާން ވަރުގެ ލިޑާޝިޕް ހުރި ކުޅުންތެރިޔަކު ހޯދުމަކީ ނާދިރު ކަމެކެވެ.

ފަހުގެ ޚަބަރު