ކުއްލި ޚަބަރު

އެމްޕީއެލްގެ ސީއީއޯ ޖުނައިދު އިސްތިއުފާ ދެއްވައިފި

ރިޕޯޓް

2016: ސިއްހަތާއި ތައުލީމުން ބާރަށް ކުރިޔަށްދިޔަ

ކޮންމެ އަހަރަކުވެސް އަހަރީ ނަތީޖާ ކާޑުން ރާއްޖެއަށް "އެން" ދޭންޖެހޭ ދެ ދާއިރާއެއް އޮވެ އެވެ. އެއީ ސިއްހަތާއި ތައުލީމުގެ ދާއިރާއެވެ. ދިވެހިން ބޭނުންވާ ވަރަށް ދާއިރާގެ ހިންގުން ރަނގަޅު ނުވެގެން މި ދެ ދާއިރާއަށް އަހަރު ނިންމާއިރު އަބަދުވެސް ދޭން ޖެހެނީ "ރަނގަޅު ކުރަން ބޭނުން" ނުވަތަ "އެން" އެކެވެ. ނަމަވެސް ނިމުނު އަހަރަކީ މި ދެ ދާއިރާގެ ނަތީޖާ ރިޕޯޓު ބަދަލުކޮށްލި އަހަރެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ދެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ހެޔޮ ބަދަލުތަކެއް މިއަހަރު ވަނީ ފެނިގެން ގޮސްފަ އެވެ. ހާއްސަކޮށް ސިއްހީ ދާއިރާގައި 2016 ގެ ވިދުން އެހެން ހުރިހާ އަހަރަކަށްވުރެ ގަދައެވެ.

ނިމުނު 2016 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ދާއިރާއަށް އެންމެ ބޮޑު އިންގިލާބެއް ގެނުވީ މައި ހޮސްޕިޓަލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ހިދުމަތްތަކަށް ގެނައި ބޮޑެތި ގިނަ ބަދަލުތަކާ އެކު އެވެ. އައިޖީއެމްއެޗްގެ އިންފްރާސްޓްރަކްޗާއަށް ގެނައި ބޮޑެތި ބަދަލުތަކާއެކު އެ ހޮސްޕިޓަލުގެ ހިދުމަތްތަކަށް ވެސް މިއަހަރު "ބޫސްޓެއް" ގެނައެވެ. އެގޮތުން އެ ހޮސްޕިޓަލުގައި މުޅިން އަލަށް ހިތުގެ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް ހުޅުވައި ހިދުމަތް ދޭން ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ ސެންޓަރު ހުޅުވުމަށްފަހު ގިނަ ދުވަސްތަކެއް ނުވަނީސް ޖުލައި މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ އެންޖިއޯ ޕްލާސްޓީ ސާޖަރީއެއް ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔައީ ވެސް އެ ސެންޓަރުގަ އެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުން ތަކެއް ހިދުމަތުގައި. - ފޮޓޯ: ޕީއެސްއެމް

އައިޖީއެމްއެޗުން މިދިޔަ އަހަރު ތައާރަފްކުރި އާ ހިދުމަތްތަކަށް ބަލާއިރު ފިރިހެނުންގެ ދަރިމައިވުމަށް ދިމާވާ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަަތަކަށް ފަރުވާދޭ ނޭޝަނަލް ޔޫރޯރީނަލް އެންޑް ފަރޓިލިޓީ ސެންޓަރާއި، ނޮން-އިންވޭސިވް ވެންޓިލޭޝަން ޔުނިޓް އަދި ހަތަރު އޮޕަރޭޝަން ތިއޭޓަރު ހިމެނޭ އޮޕަރޭޝަން ތިއޭޓަރު ކޮމްޕްލެކްސް، އިންޓެންސިވް ކެއާ ޔުނިޓް އަދި ޓޯޓަލް ލެބޯޓްރީ އޮޓޮމޭޝަން ސިސްޓަމް ހިމެނެ އެވެ. އެ ހުރިހާ ހިދުމަތެއް ތައާރަފްކުރީ ނިމުނު ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ދިވެހި އަންހެނެއްގެ ސިކުނޑީގައި އުފެދުނު ބޮޑު ޓިއުމަރެއް ނަގައި، އޭޑީކޭ ހޮސްޕިޓަލުން ކާމިޔާބު އޮޕަރޭޝަނެއްކޮށް ހަބަރުތަކުގެ ފަލަ ސުރުހީތައް ފަވާލީ ވެސް ނިމުނު 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. ދުނިޔޭގެ ފެންވަރުގެ މޮޅެތި ހިދުމަތްދޭ ހޮސްޕިޓަލްތަކުން ކުރާ އިރުވެސް ކާމިޔާބުވުމުގެ ޕަސެންޓް ކުޑަ އެ އޮޕަރޭޝަން ރާއްޖޭގެ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދިއުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ފަހުރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. މިއީ އެތައް ބައެއްގެ ތައުރީފު ލިބި ރާއްޖޭގެ ސިއްހީ ދާއިރާއަށް އޮތް އުންމީދު އިތުރުވެގެންދިޔަ ކަމެއްވެސްމެ އެވެ.

ސިކުނޑީގެ ޓިއުމަރު ނެގުމަށް އޭޑީކޭގައި އޮޕަރޭޝަން ކުރަނީ: އޮޕަރޭޝަން ވަރަށް ކާމިޔާބު --

ތައުލީމީ ދާއިރާ ފެހި ރޮންގުން މަތީގައި

ރާއްޖޭގެ ތައުލީމީ ދާއިރާގެ މިދިޔަ އަހަރުގެ އެންމެ ޝައުގުވެރި އެއް ހެޑްލައިނަކަށް ވެގެންދިޔައީ އަންނަ އަހަރުން ފެށިގެން ޕްރީސްކޫލް ތައުލީމް ހިލޭކިޔަވައިދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމެވެ. ހަމަ އެއާއެކު މިދިޔަ އަހަރު ތައާރަފްކުރި ގައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭއް މުޅިން އަލަށް ތައާރަފްކޮށް ސްކޫލްތަކުގައި ކިޔަވައިދޭން ފެށީވެސް ނިމުނު 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ސްކޫލްތަކުގެ ފެންވަރު ބެލުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް 2014 ވަނަ އަހަރު ފެއްޓެވި ދަތުރުފުޅުތައް ނިންމަވާލެއްވީ ވެސް ނިމުނު އަހަރު އެވެ. އެ ދަތުރުފުޅުތަކަކީ ރާއްޖޭގެ ސްކޫލްތަކުގައި ގޯސްކޮށް ހުރި ކަންކަން ބަލައި ކިޔަވައިދިނުމުގެ ނިޒާމަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އަމިއްލަ ފުޅަށް އިސްނަންގަވައިގެން ފެއްޓެވި ދަތުރުފުޅުތަކެކެވެ.

ކްލިކް ކޮލެޖުގެ ގްރެޖުއޭޝަން: މިދިޔަ އަހަރަކީވެސް ތައުލީމީ ދާއިރާ ވެއްޓުނަ ނުދީ ހިފެހެއްޓި އަހަރެއް --

ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންގެ ތައުލީމީ ފެންވަރު މަތިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިމުނު އަހަރުވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން 3000 މުދައްރިސުން ޑިގްރީ ފެންވަރަށް ތަމްރީންކުރުގެ ޕްރޮގްރާމެއް މިދިޔަ އަހަރުގެ އޮގަސްޓް މަހު އެޑިއުކޭޝަން މިނިސްޓްރީން ފެށި އެވެ. އެ ޕްރޮގްރާމުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެ ކޯސްތަކުންވެސް މުދައްރިސުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލެވިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

2016 ވަނަ އަހަރަކީވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ހިލޭ ކިޔެވުމުގެ ފުރުސަތުތަކެއް ބޭރު ގައުމުތަކުން ލިބުނު އަހަރެއް މެ އެވެ. އެގޮތުން އިންޑިއާ، ލަންކާ ބުރުނާއި ފަދަ ގައުމުތަކުގެ ޔުނިވަސިޓީތަކުން އެކި ފަހަރު މަތިން ގިނަ ސްކޮލާޝިޕް ފުރުސަތުތަކެއް ވަނީ ރާއްޖެއަށް ލިބިފައިވެ އެވެ.

ފަހުގެ ޚަބަރު