ކުއްލި ޚަބަރު

އެމްޕީއެލްގެ ސީއީއޯ ޖުނައިދު އިސްތިއުފާ ދެއްވައިފި

ރިޕޯޓް

މުޒާހަރާއެއް ނެތް، މަގުމައްޗާއި މާހައުލު މުޅީން ބަދަލުވެފައި!

މާލޭ މަތިން: މަގުތައް އަމާންވެ މުޒާހަރާއެއް ނެތް އަހަރެއް-- | އަވަސް

މަގުތަކަށް ނިކުމެ ހިޔާލު ފާޅު ކުރުމާއި މުޒާހަރާ ކުރުމުގައި ދިވެހިންނަކީ ލިސްޓުގެ ކުރީގައި ތިބި ބައެކެވެ. ތާރީހަށް ބަލާއިރު ދިވެހިން މުޒާހަރާތަކަށް ނިކުންނަން ފެށި ދުވަހަކީ މާ ފަހަތުގައިވާ ހިސާބެއް ނޫނެވެ. ކުރީގެ ރައީސް މައުމޫންގެ ދައުރުގައި 2003 ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ހާދިސާއަށްފަހު، އެމްޑީޕީ ނެތަސް މައުމޫން ފިކުރާ ދެކޮޅަށް ތެދުވެ މަގުމައްޗައް ގިނަ އަދަދެއްގެ މީހުން ނިކުމެ ހިޔާލު ފާޅުކުރަން ފެށި ދުވަހަކީ ރާއްޖެއަށް މުޒާހަރާތައް އުފަންވީ ދުވަސް ކަމަށް ބުނެވިދާނެ އެވެ. އަދި އޭރު ސަރުކާރަށް ބޭރުގައުމުތަކުން ކުރިމަތިވީ ޕްރެޝަރުތަކާއި އެކު ނޫ ގާނޫން އަސާސީއިން ފެހި ގާނޫން އަސާސީއަށް ބަދަލުކޮށް ޑިމޮކްރަސީއެއް ގެންނަން ޖެހުން ވެގެން ދިޔައީ މުޒާހަރާތައް ކުރުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރަކަށެވެ.

އޭގެ ފަހުން ގާތްގަނޑަކަށް 10 އަހަރުވެއްޖެ އެވެ. މާލޭގެ އޭރުގެ ހާލަތާއި މިހާރުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ވޭތުވެދިޔަ އަހަރުތަކު ތެރޭގައި ރާއްޖެ ތެރޭގެ ގިނަ ބަޔަކު މާލެއަށް ދިރިއުޅުން ބަދަލުކޮށް، އާބާދީ އިތުރުވެ މިހާރު މި އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. މަގުތަކުގައި ކިރިޔާ މީހުން ގިނަވާ އިރަށް ނޭވާ ލެވެނީ ކިޔާއެވެ. އެ ހާލުގައި އޮވެ މުޒާހަރާ ކުރާ ދުވަހަކު މަގުމައްޗައް ނިކުންނަން ހިޔާލު ކުރުމަކީވެސް ބޭކާރު ކަމަކަށް ވެއެވެ. ނަމަވެސް އެ ހުރިހާ އުންދަނގޫތަކެއް ފުހެވިގެން ދިޔައީ މިދިޔަ އަހަރު ކުރީކޮޅު މަޖިލީހުން އެއްވެ އުޅުމާ ބެހޭ ގާނޫނަށް ގެނައި ބަދަލަކުންނެވެ. އެއާއެކު 2016 ވަނަ އަހަރަކީ މާލޭގައި މުޒާހަރާ ކުރުމަށް ނިމުމެއް އައެވެ. މިއަދު މާލޭގައި މުޒާހަރާތަކާ ހެދި މަގު ބަންދުވެެގެން ޝަކުވާ ކުރާނެ މީހެއް ނެތެވެ.

މުޒާހަރާތަކާއެކު ސިޔާސީ ހަރާކާތްތައްވެސް ހުއްޓުނުތަ؟

ކާނިވާ ސަރަހައްދުގައި އެމްޑީޕީއިން ބޭއްވި އެއްުމުގެ ތެރެއިން -- އަހުމަދު ޝުރާއު | އަވަސް

ސަރުކާރު ފަރާތުން ހުށަހަޅާގައި މަޖިލީހުން ގާނޫނަށް ގެނައި މި ބަދަލާއެކު ގިނަ އާންމު ބައެއްގެ ހައްގުތައް ސަލާމަތްވެއްޖެ އެވެ. އެއީ މަގުތަކުގައި ލައުޑް ސްޕީކަރު ޖަހަމުން ކުޑަ މާލެ ތެރޭގައި ދެ ދުވަހުން އެއްދުވަހު މުޒާހަރާ ކުރުމުގެ ސަބަބުން މީހުންނަށް ކުރިމަތި ވަމުން އައިދަަތިތައް ހުއްޓުމަކަށް އައުމުންނެވެ. ނަމަވެސް ގިނަ އިދިކޮޅު މެންބަރުން އެ އިސްލާހު ގެންނަން އުޅުން އިރު ކުރި އެންމެ ބޮޑު ޝަކުވާއަކީ ސިޔާސީ ހަރަކާތްތައް މާލޭގައި ދެން ނުބޭއްވޭނެ ކަމަށާއި ސިޔާސީ ޕާޓީތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. ނަމަވެސް އަހަރު ނިމިގެން ދިޔަ އިރު ފަހަތަށް ގޮސް އެ ވާހަކަތައް ހަގީގަތަކަށް ވިތޯ ބަލާލަމާ ހެއްޔެވެ؟

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މާލޭގައި ސިޔާސީ ހަރަކާތައް ބޭއްވުން މަނައެއް ނުކުރެއެވެ. ކުރިޔަށް އެ ގާނޫނުގައި އޮންނަ ގޮތުން ގްރީން ޒޯންތައް ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ އިތުރުން ކޮންމެތަނެއްގައިވެސް ފުލުހުންގެ ހުއްދައަކާ ނުލާ އެއްވެ އުޅެވިދާނެ އެވެ. ނަމަވެސް އެ ގޮތް އިސްލާހުކޮށް މިހާރު އެ ގާނޫނަށް ގެނެސްފައިވާ ބަދަލުގައި ބުނަނީ އެނގުމަކާ ނުލާ އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އިތުރު ތަނެއްގައި އެއްވާން ބޭނުންވެއްޖެ ނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ.

އެގޮތަށް ގާނޫން ފާސްވެގެން ދިޔައިރު އެންމެ ފުރަތަމަ އެ ގާނޫންގެ ބޭނުން ހިފަން ފެށީވެސް ސިޔާސީ ހަރަކާތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ބުނި އެމްޑީޕީއިންނެވެ. އެގޮތުން ކާޑުން ސަބްސިޑީ ކޮންޓްރޯލް ކުރަން އުޅުން މައްސަލާގައި އަށެއް އޮކްޓޫބަރުގައި އެމްޑީޕީއިން ކާނިވާ ސަރަހައްދުގައި އެއްވުމެއް ބޭއްވި އެވެ. އޭގެ އިތުރުން ފަހުން ޕީޕީއެމްއިން ބޭއްވި "އަސްލު ޖަލްސާ"ވެސް ބޭއްވީ ކާނިވަ ސަރަހައްދުގައެވެ. އަދި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުވެސް އެ ސަރަހައްދުގައި ވަރަށް ފުރިހަމަޔަށް ބޭއްވި އެވެ.

ދެން އޮތީ އެއްވެސް އެނގުމަކާ ނުލާ އެމްޑީޕީގެ ހެންވޭރުކޮޅުގައި ހުންނަ ހަރު ގޭގައި ދޭތެރެ ދޭތެރެއިން ބޭއްވި ހަރަކާތްތަކެވެ. އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ކަން މައްޗައް މީހުން އެއްވެ އެވެ. ނަމަވެސް އެ ހަރަކާތް ހިނގި އިރު ފުލުހުން އައީ ޓްރެފިކަށް ދަތުނުވާ ގޮތަށް މީހުން އެއްފަރާތް ކުރަމުންނެވެ. ކޮންމެއަކަސް ސިޔާސީ ހަރަކާތްތައް ހުއްޓުން ކަމަކަށް ބުނެވޭކަށް ނެތެވެ. ސިޔާސީ ހަރަކާތްތައްވެސް ހިންގި މަގުތަކުގައި ހިނގާ މީހުންގެ ހައްގުތައްވެސް ސަލާމަތް ކުރެވުނީއެވެ. މިއީ 2016 ވަނަ އަހަރު ތެރޭގައި ގެނައި އެންމެ ރަނގަޅު އެއް ބަދަލު ގޮތުގައި ބުނެވިދާނެ އެވެ.

މޮނިކޮން އޯޑާ: ގޭންގުތައް ސައިޒުކޮށްލާ، މަގުތައް އަމާންކޮށްލި!

މާލޭ މުޒާހަރާތައް ހުއްޓާލުމުގެ އިތުރުން މަގުތައް އަމާންވާން ސަރުކާރުން އެޅުއްވި އެންމެ މުހިންމު ފިޔަވަޅަކަށް ވީ މޮނިކޮން އޯޑާ ނެރި ގޭންގުތަކުގެ އެންމެ އިސް މީހުންގެ ފައިގައި ޓެގު އެޅުވުމެވެ. އެއީ ގާނޫނު އެބައެއްގެ މައްޗައް ނުހިންގިދާ ގޭންގުތައް "ކޮއްޓަކަށްލައި" ބަންދުކުރުމުގެ ބަދަލުގައި ފިޔަކޮށާލައި ސައިޒަށް ކަނޑައިލި ހަތިޔާރެކެވެ. އެއީ ހަމައެކަނި ފައިގައި ޓެގެއް އަޅުވައިގެނެއް ނޫނެވެ. ގާނޫނުގެ ތެރެއިން ކުރިން ނުލިބި ހުރި ބާރުތައް އެއްކޮށްލައި ކޮންޓްރޯލްކޮށް މޮނިޓާ ކުރުމުގެ ބާރު ބޭނުންކޮށްގެނެވެ.

ނޭންގި ތިއްބާ ކުށުގެ ވެއްޓަށް މި ވަރުގަދަ ހަތިޔާރު ކުއްލިއަކަށް ވައްޓާލުމުން ގޭންގުތަކަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. އެދުވަސް ވަރު 30 އަށްވެރެއް ގިނަ މީހުންގެ ފައިގާ ޓެގު އެޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ގޭންގުތަކުގެ ލީޑަރުންނާއި ނުރައްކާތެރި ކްރިމިނަލުންނެވެ. މީގެ ސަބަބުން ގޭންގުތައް ސައިޒުވެ މާލޭ މަގުތައް އަމާންވި އެވެ.

ހޯމް މިނިސްޓަރު ކަމުން އުމަރު އިސްތިއުފާ ދެއްވުމަށް ފަހު ވަޒީރު ކަމަށް އައްޔަން ކުރެއްވި މުހައްމަދު ޒުހޫރު ވަނީ އެ މަސައްކަތް އަމިއްލަ އަތްޕުޅުގައި ނުގެންގުޅުއްވާ ފުލުހުންނާއި ކަރެކްޝަންގެ މައްޗައް ދޫކޮށްލާފައެވެ. މިޙާރުވެސް މޮނިކޮން އަމުރު ނެރުން މީހުންގެ ފައިގަ ޓެގު ހުރެެއެވެ. އަދި އެ މީހުން ބަރާބަރަށް މޮނިޓާ ކުރަމުން ދެއެވެ.

މީގެ ސަބަބުތަކާ ހެދި މި އަހަރު ވެގެން ދިޔައީ ކްރައިމް ރޭޓް ވަރަށް ބޮޑަށް ދަށް ކުރެވުން އަހަރެއް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މާލޭ މަގުތައް އަމާންވެ ރައްޔިތުންގެ ހިތުގައި އޮތް ބިރުވެރި ކަމަށް ލުއިއެއް ލިބުނެވެ.

  • ހާމަދު

    މުޒާހަރާ ބޭނުންތަނެއްގައި ނުކުރެވޭ ގޮތަށް މިސަރުކާރުން ހެއްދެވި ކަމީ މިޤައުމު ތަރައްގީ ކުރުމަށް އަދި ކޮންމެ މީހަކުވެސް ތަރައްގީއާއި، އަމިއްލެ ކުރިއެރުމައިގެން ކުރިއަށް ދިއުމަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެކެވެ. އެފުރުޞަތުގެ ފޮނިމީރުކަން މިހާރު އެދަނީ ލިބެމުންނެވެ.

    1
    REPLY
    CLOSE
  • އިދުރީސް

    މުޒާހަރާއެއްނެތް އެކަމަކު މާލޭ މަގުތަކުގަ ފޭރުން އިންތިހާއައް

    5
    2
    REPLY
    CLOSE

ފަހުގެ ޚަބަރު